ބިނާވެނި ޕްލޭންކޮށް ހިންގުމުގެ ގާނޫނާއި އާރބަން ޕްލޭނިންގ ބިލު އިސްލާހުކުރުމަށް ގޮވާލާ ގަރާރު

بسم الله الرحمان الرحيم

ألحمد الله مالك الملك، ذي الجلال والإكرام، والصلاة والسلام على سيدنا محمد، واله وصحبه الكرام

ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގެ ރޫހާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެގާނޫނުގެ މަގްސަދުތަކާއި، ބިނާވެށި ގާނޫނު އަދި އާރބަން ޕްލޭނިންގ ބިލު ތައާރަޒުވާ ހިނދު، 08 ސެޕްޓެމްބަރ ގައި ބިނާވެށި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް އާއްމުކޮށްފައިވާތީއާއި އާރބަން ޕްލޭން ބިލުގެވެސް މަޝްވަރާކުރުމެއް ނެތި މަޖިލީހުން ކުރިއަށްގެންދާތީ މިކައުންސިލުން ދެކޮޅު ހަދަމެވެ.

ރައްޔިތުންނާ އެންމެ ގާތުން ރައްޔިތުން ތަމްސީލުކޮށްދީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ ލޯކަލް ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމަށް ނުހަނު ނޭދެވޭ އަސަރުތައް ބިނާވެށި ގާނޫނާ އަރބަން ޕްލޭނިންގ ބިލު އޮތްގޮތުން ކުރާހިނދު، ބިނާވެށި ގާނޫނަށާ އާރބަން ޕްލޭނިންގ ބިލު އޮތްގޮތުން ލާމަރުކަޒީ ނިޒާމަށް އަންނާނެ ބަދަލުތަކުގެ ސަބަބުން މުޖުތަމައުގެ ވަސީލަތްތައް މުޖުތަމައުއަށް އެންމެ ފައިދާ ވާނޭ ގޮތަށް ރާވާ ތަރުތީބު ކުރުމުގެ ފުރުސަތު މުޖުތަމައުތަކުން ގެއްލިގެންދެއެވެ.

ބިނާވެށި ބިލަށް ހިޔާލު ހޯދުމުގެ ކުރު މަރުހަލާގައި ކައުންސިލްތަކާއި، ރާއްޖޭގެ ފަންނީ މާހިރުންނާއި، އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާފައިވާ ހިޔާލްތަކަށް އެއްވެސް މިންވަރަކަށް މަޖިލީހުން ރިއާޔަތްކޮށްފައި ނުވެއެވެ. އަދި އާރބަން ޕްލޭނިންގ ބިލަށް ހުށަހެޅިފައިވާ ހިޔާލުތަކާމެދު ކައުންސިލްތަކާއެކު އަދި އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާހިނދު އަދި ލޯކަލް ގަވަރމަންޓް ވުޒާރާއާއި މަޝްވަރާ ކޮށްފައިނުވާކަމަށް އެވުޒާރާއިން ހާމަކޮށްފައިވާ ހިނދު، މިބިލުތައް ފާސްކުރުމުގައި ކައުންސިލްތަކާއި، ފަންނީ މާހިރުން އެކަހެރިކުރަމުން މިދާ ދިއުމުގެ ސަބަބުން ލާމަރުކަޒީ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ދިރާސާކުރާކުރުމުގައި، ރައްޔިތުންނާއި ކައުންސިލްތަކުގެ ބައިވެރިވުން ސަރުކާރުން ހޯދާނެކަމަށް ވީވައުދަށް ހިޔަނިއެޅިއްޖެއެވެ.

ދިގު ޒަމާންތަކަށްފަހު ކަނޑައެޅިގެންދިޔަ ކައުންސިލްތަކުގެ އިހްތިސާސީ ރޮނގު މުޖުތަމައުގެ ބަހެއްނެތި ފުހެލުމުގެ ބާރު ވަޒީރަކަށް ލިއްބައިދީ، މުޖުތަމައުގެ ބަހެއްނެތި، ސަރުކާރުތަކުން ވިއްކަމުންދާ ދިވެހި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްޔިތުންގެ ފައިދާއަށް ރާވާ ތަރުތީބުކުރުމަށް ހުރި ދޮރުތައް މިގާނޫނާއި ބިލުން އެއްކޮން ބަންދުކޮށް، އެންމެ މީހެއްގެ އިހްތިޔާރާ މުށުތެރެއަށް ގައުމުގެ ހުރިހާ ވަސީލަތްތައް ބޭނުންކުރުމުގެ ބާރު ލައިދެއެވެ.

މިހާތަނަށް ދިވެހިރާއްޖޭގައި މިފަދަ ގާނޫނުތައް އުފަންކޮށްގެން، ބާރު އެއްކޮށްގެން ރައްޔިތެއްގެ އެއްވެސް ބަހެއްނެތި ވަޒީރަށް ފެންނަ މޮޅެތި ޕްލޭނުތަކުން ބޮޑެތި އިންވެސްޓްމަންޓްތަކާއި ތަރައްގީ ހޯދުމުގެ ނަމުގައި ހިންގާފައިވާ މަޝްރޫއުތަކުން ދިވެހި ރައްޔިތުންނަށް ފައިދާވެފައިނުވާ ހިނދު، ރައްޔިތުންގެ ބަހާ، ބައިވެރިވުމާ ނުލާ ހިންގާފައިވާ ހަރަކާތްތަކުން ހިންގާފައިވަނީ އެންމެ ބޮޑެތި ވައްކަމާ ހިޔާނާތާ ޓެކުންކަން ރާއްޖޭގެ ތާރީހުން ދައްކުވައިދެއެވެ. އަދި މުޖްތަމައު އެކަހެރިކޮށްގެން ނެރޭ ޕްލޭންތަކަށް އިންވެސްޓަރުންގެ އިތުބާރު ނޯންނަކަމާއި، އިތުބާރު ގެއްލެމުންދާކަން ދެނެތިބީމެވެ.

އެހެންކަމުން ބިނާވެށި ގާނޫނު އަނބުރާ އިސްލާހުކުރުމަށާ، ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބާ ތައާރަޒު ނުވާނެހެން އާރބަން ޕްލޭނިންގ ބިލު ބަދަލުކުރުމަށް ގޮވާލާ، މިހާރު މިގާނޫނާ ބިލު އޮތްގޮތާ ދެކޮޅުކަމަށް އިގުރާރުވެ، މިގާނޫނާއި ބިލު އިސްލާހުކުރުމަށް ކެނޑިނޭޅި ވަކާލާތުކޮށް، މަސައްކަތްކުރުމަށްވެސް އިގުރާރުވަމެވެ.

وصلى الله وسلم على سيدنا محمد، وعلى أله وصحبه أجمعين؛ والحمد لله رب العالمين

މިޤަރާރުގައި ލިޔެ ސޮއިކޮށްފައިވަނީ ހިޖުރީ ސަނަތުން ހާހާއި ހަތަރު ސަތޭކަ ސަޔާޅީސް ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ ހަވަނަ ދުވަސް ކަމުގައިވި، މީލާދީ ސަނަތުން ދެހާސް ސައުވީސް ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަސް ކަމުގައިވި ބުދަ ދުވަހު ބޭއްވުނު މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ސަތޭކަ ތޭރަވަނަ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންނެވެ.

Publication Date

09-10-2024

All Motions