ކެނދިކުޅުދޫ އަދި ހެނބަދޫ ހޭންޑްބޯލް ޓީމް ބައްދަލުކުރި މެޗް ކެނދިކުޅުދޫއިން ކާމިޔާބު ކޮށްފި!
22-05-2023
ކެނދިކުޅުދޫ އަންހެން ހޭންޑްބޯލް ޓީމް އާއި ހެނބަދޫ އަންހެން ހޭންޑްބޯލް ޓީމް ބައްދަލުކުރި އެކުވެރިކަމުގެ މެޗް ކެނދިކުޅުދޫއިން ކާމިޔާބު ކޮށްފިއެވެ. މިއީ ހެނބަދޫގައި ކުރިޔަށް ގެންދެވުން ކޯޗިން ކޭމްޕްގެ ނިންމާލުމުގެ ގޮތުން ކުޅެވިގެންދިޔަ އެކުވެރިކަމުގެ މެޗެކެވެ. 21 މެއި 2023 ވީ އާދީއްތަ ދުވަހު ހެނބަދޫ ދަނޑުގައި ކުޅެވިގެން ދިޔަ މިމެޗް ކާމިޔާބު ކޮށްފައިވަނީ 12-5 ގެ ނަތީޖާއަކުން ކެނދިކުޅުދޫ ޓީމެވެ. މިމެޗަކީ ކެނދިކުޅުދޫ އަދި ހެނބަދޫ ބައްދަލުކުރި ފުރަތަމަ ހޭންޑްބޯލް މެޗެވެ. 15 މިނެޓުގެ ދެހާފް ކުޅެވިގެންދިޔަ މިމެޗުގައި ދެޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާ އިދިކޮޅު ޓީމްގެ ގޯލާ ސީދާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.
ކެނދިކުޅުދޫގައި ހިންގުނު ހޭންޑްބޯލް ކޯޗިން ކޭންޕްގައި ޖުމްލަ 19 ބައިވެރިން ބައިވެރިވެފައިވެއެވެ. ކެނދިކުޅުދޫ ކައުންސިލްގެ މެމްބަރު ޒުލައިޙާ ހަމްނާ ވިދާޅުވީ ކެނދިކުޅުދޫގައި ހޭންޑްބޯލް ތަޢާރަފް ކުރީ ރަށުގައިނެތް ޤައުމީފެންވަރުގެ ކުޅިވަރަކަށް ވާތީ ރަށުގައި ހޭންޑްބޯލް ތަޢާރަފް ކުރުމުގެ ގޮތުންނެވެ.
"މި ކޭންޕް މިއީ 15 ދުވަހުގެ ކޭންޕެއް. ފުރަތަމަ މެޗާ ބަލާފަ ހުރިހާ އެންމެންގެ ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ. މި ކޭމްޕް ނިމިގެން ދާއިރު ކެނދިކުޅުދޫގައި ހޭންޑްބޯލްގެ ގަވާއިދާއި އެއްގޮތައް ކުޅުވިގެންދާނެ. ކުރިޔަށް އޮތްތާވެސް ގިނަ ކުޅިވަރުތަކެއް ރަށުގައި ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ"- ކައުންސިލް މެމްބަރު އަދި ކޭމްޕްގެ ބައިވެރިޔާ ޒުލައިޙާ ހަމްނާ
މިދެރަށުގައިވެސް ކޯޗިން ކޭމްޕް ކުރިޔަށް ގެންދިޔައީ ހޭންޑްބޯލްގެ ކޯޗް އަބްދުﷲ މާޖިދް (މާއްކޮ) އަދި އެރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން ގުޅިގެންއެވެ. ހޭންޑްބޯލް އަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިހާރު ކުރިއަރަމުން އަންނަ ކުޅިވަރެކެވެ.